އިއްެ ބޭއްވި ހިނގާލުމުގެ ތެރެއިން

ކިނޮޅަހުގައި މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވި ހިނގާލުން އިއްޔެ ބާއްވައިފި

ކިނޮޅަހުގައި މިހާތަނަށް އެންމެ ގިނަ މީހުން ބައިވެރިވެގެން ބޭއްވި ހިނގާލުން އިއްޔެ ބާއްވައިފިއެވެ. މިއީ މިޔަންމާގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުން އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކަށް ދެކޮޅު ހެދުމުގެ ގޮތުން ކިނޮޅަހުގައި ބޭއްވި ހިނގާލުމެކެވެ.

ކިނޮޅަހުގެ ކުދިބޮޑު އެންމެ ބައިވެރިވި މި ހިނގާލުން ފަށާފައިވަނީ ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ އޮފީސް ކައިރިންނެވެ. އެހިސާބުން ފެށިގެނ ކިނޮޅަހު ބަނދަރު ސަރަހައްދަށް ގޮސް އެތާ މަޑުކުރުމަށް ފަހު ، ހިނގާލުން ނިންމާލީ ކިނޮޅަހު ކުރީގެ ބަށި ކޯޓު ސަރަހައްދުންނެވެ. މި ހިނގާލުމުގައި ބަނދަރު ސަރަހައްދުގައި މަޑުކުރުމަށްފަހު ، އައްޝައިޚް ޢަބްދުލް މަޠީން ވަނީ ބައިވެރިންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޝައިޚްގެ ވާހަކަފުޅުގައި ހުރިހާ މުސްލިމުންނަކީ އެއް ބަޔެއްކަމަށްވާ އިރު ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި އުޅޭ މުސްލިމުންނަށް ކުރިމަތިވާ ހިތާމައިގެ ބައިވެރިވާން ޖެހޭނެކަމަށާއި އެގޮތުން ރޮހިންޔާގެ މުސްލިމުންނަށް މިއަދު ވަނީ އަޅުގަނޑުމެންގެ އެހީއަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ ކަމަށާއި އެބޭފުޅަކަށް ދެވެން އޮތް ވަރަކުން އެހީވުމަށް އިލްތިމާސް ކުރާކަމަށެވެ.

މިއީ ކިނޮޅަހު ކައުންސިލުން އިސްނަގައިގެން ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދާއި ކިނޮޅަހު ހެލްތު ޕޯސްޓާއި ފެނަކަ ކިނޮޅަހު ބްރާންޗާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ގުޅިގެން ބޭއްވި ހިނގާލުމެކެވެ.