އިއްެޔެ ކިނޮޅަހުގައި ބޭއްވި ހިންގާލުން

ރޮހިންޔާގެ މުސލިމުންނަށް އެހީވުމަށް ރުފިޔާ އެއްކުރުމަށް މިއަދު ކިނޮޅަހުގެ ގޭގެޔަށް ޒިޔާރާތް ކުރާނެ

މިޔަންމާގެ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ބުޑިސްޓުން އެ ޤައުމުގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުން ހާލުގައި ޖެހެމުންދާ މުސްލިމުންނަށް އެހީވުމަށް ހިންގާ ޙަރަކާތުގެ ދަށުން މިއަދު ގޭގެޔަށް ޒިޔާރަތް ކުރާނެއެވެ. މިއަދު ހެނދުނު 8:00 އިން ރޭގަނޑު 22:00 އަށް ކުރިޔަށް ގެންދާ މި ޙަރަކާތުގައި ފަންޑު ފޮށި ހިފައިގެން ގޭގެޔަށް ޒިޔާރާތް ކުރާނެއެވެ.

ފިރިހެން ބޭފުޅުންނަށް ފޮށްޓަކާއި އަދި އަންހެން ބޭފުޅުން ފޮށްޓެއް ހިފައިގެން ގޭގެޔަށް ޒިޔާރަތްކުރާއިރު ، ކޮންމެ ބޭފުޅެއްވެސް އެހީވުމަށް ކައުންސިލުން އެދެއެވެ. މިއީ ކިނޮޅަހު ކައުންސިލުން އިސްނަގައިގެން ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދާއި ކިނޮޅަހު ހެލްތު ޕޯސްޓާއި ފެނަކަ ކިނޮޅަހު ބްރާންޗާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާ ގުޅިގެން ހިންގާ ޙަރަކާތެކެވެ. ކިނޮޅަހު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި މިއަދު މި ބާއްވާ ހަރަކާތުން ލިބޭ ފައިސާ ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގްރޫޕަށްކަމަށެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ގްރޫޕަކީ ހެލްޕް ސީރިޔާ ކެމްޕެއިނަށް ލިބުނު އެހީ އަމާނާތްތެރިކަމާއެކު ސީރިޔާގެ މުސްލިމުންނަށް ފޯރުކޮށްދިން ގްރޫޕެކެވެ.

މިޔަންމާގެ ރޮހިންޔާގެ މުސްލިމުންގެ ނަސްލު ނައްތާލުމަށް އެ ޤައުމުގެ އަނިޔާވެރި ބުޑިސްޓުން ގެންދަނީ މުސްލިމުން ޤަތުލުކޮށް އެބައިމީހުންގެ ގެދޮރު އަންދަމުންނެވެ. އެހެންކަމުން ރޮހިންޔާގެ މުސްލިމުންދަނީ ބަންގްލަދޭޝަށް ހިޖުރަ ކުރަމުންނެވެ. ބުޑިސްޓުންގެ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ރޮހިންޔާގެ މުސްލިމުންގެ އާދެހަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ދީފައިވަނީ ބީރުކަންފަތެކެވެ.

އަހަރަމެންނަކީ މުސްލިމުންނެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި އުޅޭ މުސްލިމުންގެ ތަދު އިހްސާސް ކުރެވޭނީ މުސްލިމުންނަށެވެ. އެހެންކަމުން ރޮހިންޔާގެ މުސްލިމުން މިއަދު މިވަނީ އަހަރަމެންގެ އެހީއަށް ބޭނުން ޖެހިފައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”