މަންޑި ކުޅުން | ފޮޓޯ : ޝުޖާއު މޫސާ

ޢީދު ކުޅިވަރު ޝެޑިއުލް އާއްމުކޮށްފި

އެހެން އަހަރުތަކެކޭ އެއްފަދައިން ކިނޮޅަހު ކައުންސިލުން އިސްކޮށްހުރެ ފާހަގަ ކުރާ އަޟްހާ ޢީދުގެ މިއަހަރުގެ ކުޅިވަރު ޝެޑިއުލް އާއްމުކޮށްފިއެވެ.

1438 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ޝެޑިއުލްގައި ތަފާތު ކުޅިވަރުތަކެއް ހިމަނާފައިވެއެވެ. ފިރިހެނުންނާއި އަންހެނުންނަށް ވަކިން ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައިވާއިރު ، މި އަހަރުގެ ޝެޑިއުލްގައި ފިރިހެނުންނަށް ހިމެނޭ ކުޅިވަރުތަކަކީ މަންޑި ކުޅުމާއި ގިނަ ކުޅިވަރާއި ވާދެމުމާއި މާލި ޕެރޭޑާއި މޫދު ކުޅިވަރާއި މަސްރޭސްގެ އިތުރުން ރޭގަނޑު ވާހަކަ ދެއްކުމާއި ބަހުސް ވެސް އޮންނާނެއެވެ.

އަންހެނުންގެ ކުޅިވަރުތަކުގެ ތެރޭގައި ތިން މުގޯލި ، ބަށިމެޗު ، ނެޓްބޯޅަ ، ބޮސްކުޅުން ، ގިނަ ކުޅިވަރާއި ޓާސްކް ހިމެނެއެވެ. އަދި ކޮންމެ އަހަރުކުވެސް އޮންނަ ކުޑަކުދިންގެ ހަވީރުވެސް ހިމެނެއެވެ. ކުޑަކުދިންގެ ހަވީރު މިއަހަރު އޮތީ ޢީދު ތިން ވަނަ ދުވަހު ހަވީރު ކިނޮޅަހު ފުޓްބޯޅަ ދަނޑުގައެވެ.

އަދި އެންމެފަހު ޙަރަކާތަކަށް އޮތީ ރައްޔިތުންގެ ބޮޑު ބާބަކިއުއެވެ. ބާބަކިއު އޮތީ ޢީދު ހަތަރުވަނަ ދުވަހުގެ ރޭ އެވެ.

1438 ވަނަ އަހަރުގެ އަޟްހާ ޢީދު ކިނޮޅަހުގައި ފާހަގަ ކުރަނީ ކިނޮޅަހު ކައުންސިލުން އިސްވެހުރެ ، ކިނޮޅަހުގެ ހުރިހާ މުއައްސަސާތަކާއި ގުޅިގެންނެވެ. އެގޮތުން ޖަމްޢިއްޔަތުލް އިއްތިހާދު ، ހެލްތުޕޯސްޓް ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ، ފެނަކަ ކިނޮޅަހު ބްރާންޗް އަދި ކިނޮޅަހު ސްކޫލެވެ.

ބެރު ޖެހުމާއި މިޔުޒިކާއި ދެ ޖިންސު މަސްހުނިވުން ފަދަ އިސްލާމް ދީނާއި ޚިލާފުކަންކަމުން ދުރުހެލިވެ ، ޢީދު ފާހަގަ ކުރުމުގެ މަޤްޞަދުގައި ކިނޮޅަހު ކައުންސިލުން ދަނީ ކޮންމެ އަހަރެއްގެ ވެސް އަޟްހާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުން ކަމަށް ކިނޮޅަހު ކައުންސިލުން މަޢުލޫމާތުދެއެވެ.