ކިނޮޅަހު ނެޓްބޯޅަ ޓީމާ ރ.މީދޫ ނެޓްބޯޅަ ޓީމް ބައްދަލު ކުރި އެކުވެރިކަމުގެ މެޗެއްގެ ތެރެއިން | ފޮޓޯ: ނިޒާރު ޒަކަރިއްޔާ

އެސޯސިއޭޝަން ކަޕްގައި ޖަމިއްޔާގެ ނެޓްބޯޅަ ޓީމް ބައިވެރި ވެއްޖެ

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ އެސޯސިއޭޝަން ކަޕް 2017 ގައި ކިނޮޅަހު ޖަމްއިއްޔަތުލް އިއްތިހާދުގެ ނެޓްބޯޅަ ޓީމު ބައިވެރިވެއްޖެއެވެ.

އޮގަސްޓް މަހުގެ 5 ދުވަހުން 15 ވަނަ ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރުގެ އެތެރެ ކޯޓްގައި ކުރިޔަށް ގެންދިޔުމަށް ހަމަ ޖެހިފައިވާ މި މުބާރާތުގައި ޖަމިއްޔާ ބައްދަލު ކުރަން ޖެހޭ ޓީމްތައް އެނގޭނީ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭ އޮންނަ ގުރުއަތުލުމަށްފަހުއެވެ.

މިއީ ޤައުމީ ފެންވަރުގެ މުބާރާތެއްގައި ކިނޮޅަހު ނެޓްބޯޅަ ޓީމެއް ބައިވެރިވާ ފުރަތަމަ ފަހަރެވެ. ޖަމިއްޔާއިން މަޢުލޫމާތުދޭ ގޮތުގައި މި މުބާރާތުގައި ޖަމިއްޔާއިން ބައިވެރިވީ ކިނޮޅަހުގައި ނެޓްބޯޅަ ކުރިއެރުމުގެ ގޮތުން އިތުރު ފުރުސަތުތައް ހޯދުމަށާއި މިވަގުތު މާލޭގައި ނެޓްބޯޅަ ކުޅޭ ގިނަ ކުދިން ތިބުމާއެކު ، އެކުދިންނަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައިކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖަމިއްޔާގެ ނެޓްބޯޅަ ޓީމް މިހާރުވަނީ ޕްރެކްޓިސް ފަށާފައެވެ.