ފަޔާޒް އަށް އެހީވެދެއްވާށެވެ!

މި ދުނިޔެއަކީ އިންސާނުންނަށްވާ އިމްތިޙާނުގެ ގޮވައްޗެކެވެ.  ދުނިޔޭގައި އެކި މީހުންނަށް ކުރިމަތިވަނީ އެކިއެކި އިމްތިޙާނެވެ. ބޮޑެތި ބަލިތަކުގެ ސަބަބުންވެސް މީހުން އިމްތިހާނު ކުރެވެއެވެ. ބޮޑެތި ބަލިތައް ތަހައްމަލުކުރަމުންދާ އެތައް ބައެއް މި ދިވެހިރާއްޖޭގައި  ދިރިއުޅެމުންދެއެވެ.

އޭގެތެރެއިން ރ.މީދޫ ފުނަމާގެ ޙުސައިން ފަޔާޒަކީވެސް ބޮޑު ބައްޔަށް ތަޙައްމަލު ކުރަމުންދާ އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމް އަޚެކެވެ.

41 އަހަރުގެ ޙުސައިން ފަޔާޒު 2014 ވަނަ އަހަރު ތެރޭގައި ފައި ދުޅަވުމާއި ނޭފަތުން ލޭ އައުމުގެ މައްސަލަ ކުރިމަތިވުމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި އައިޖީއެމްއެޗަށް ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް އެކަން ރަނގަޅު ނުވުމުން ، އިންޑިޔާއަށް ގޮސް ޑޮކްޓަރަށް ދެއްކުމުން އެނގުނީ ފަޔާޒް ފުރަމޭގެ މައްސަލައެއް އުޅޭކަމަށެވެ. ދެފަހަރެއް މަތިން އިންޑިޔާއަށް ގޮސް ފަރުވާ ކުރުމުންވެސް މިކަމަށް ޙައްލެއް ލިބިފައިނުވެއެވެ. ފަޔާޒްގެ ފުރަމޭއަށް ޖެހިފައިވާ ބަލީގެ ސަބަބުން އޭނާގެ ފުރަމޭ ދަނީ ހަލާކުވަމުންނެވެ. ޑޮކްޓަރުން ބުނާ ގޮތުން ފަޔާޒްގެ ފުރަމޭގެ %30 ބަދަލުކޮށް އެކަމަށް ފަރުވާ ލިބޭނެއެވެ. މިކަމަށް އަވަސް ފަރުވާއެއް ނުލިބިއްޖެ ނަމަ ، ފަޔާޒްގެ ފުރާނަޔަށް ނުރައްކާ ވާނެއެވެ.

ނަމަވެސް މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރުމަށް ފަޔާޒްގެ މާލީ ހާލަތު ތަނެއް ނުދެއެވެ. މި އޮޕަރޭޝަނަށް އެކަނިވެސް 45000 ޑޮލަރު (6939000 ރުފިޔާ) ހަރަދުވާނެ ކަމަށް ޑޮކްޓަރުން ބުނެއެވެ.

އަންބަކާއި އެކު ވަކި ދިރިއުޅެމުންދާ ފަޔާޒްގެ 15 އަހަރުގެ ކުއްޖަކާއި 7 އަހަރުގެ ކުއްޖެއް ހުރެއެވެ. ރ.މީދޫ ސިއްޙީ މަރުކަޒުގެ އެމްބިއުލާންސްގެ ޑްރައިވަރު ކަމުގެ ވަޒީފާ އަދާކުރަމުންދާ 9 އަހަރުވެފައިވާ ފަޔާޒަކީ ވަޒީފާއަށް ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރަމުންދާ މީހެކެވެ.

އެބޭފުޅަކަށް ދެވެން އޮތް މިންވަރަކުން ޙުސައިން ފަޔާޒްއަށް އެހީވެ ދެއްވާށެވެ. ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ދެވޭ އެހީ އަކީ ގެއްލިގެން ދާނެ އެއްޗެއް ނޫނެވެ. މީހާގެ ހެޔޮކަމުގެ ފަތަށް އިތުރުވެގެންދާނެ ހެޔޮ ޢަމަލެކެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ” އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

ޙުސައިން ފަޔާޒްއަށް އެހީވުމަށް ‎7717 109726 101  ޙުސައިން ފަޔާޒް މި އެކައުންޓަށް ފައިސާ ފޮނުވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް 7706570 ނަންބަރާއި ގުޅުއްވުން އެދެމެވެ.