އައްޝައިޚް މުޖުތަބާ ގެ ދަރުސްގެ ތެރެއިން

ޝައިޚް މުޖްތަބާ ޙަމީދުގެ ދަރުސެއް އިއްޔެ ބާއްވައިފި

ކިނޮޅަހު ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން މިހާރު ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން އައްޝައިޚް މުޖްތަބާ ޙަމީދުގެ ދަރުސެއް އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ޢަޞްރު ނަމާދަށް ފަހު ކިނޮޅަހު މަސްޖިދު އިސްމާޢީލް ގައި އޮތް މި ދަރުސްގައި ޝައިޚް މުޖުތަބާ ވިދާޅުވީ ޤިޔާމަތް ދުވަހުން މީހާ ސަލާމަތްވާނީ މި ދުނިޔެ މަތީގައި އިޚްލާސްތެރިކަމާއި އެކު ކުރި ހެޔޮ ޢަމަލަކުން ކަމަށާއި އަބޫ ބަކުރު ރަޟިޔަﷲ އަންހު އެންމެ މާތް ޞަހާބީއަށް ވީ އެކަލޭގެފާނުގެ ހިތުގެ ޢަމަލު އެހެން މީހުންނާއި ތަފާތު ވެގެންކަމަށެވެ.

އަދި ބޭނުންވަނީ ގިނަ ޢަމަލުތަކެއް ނޫން ކަމަށާއި ބޭނުންވަނީ ހިތުގެ އިޚްލާސްތެރިކަމާއި އެކު ކުރާ ހެޔޮ ޢަމަލު ކަމަށާއި ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ނަރަކަޔަށް އެއްލާލެވޭ ތިން މީހެއްގެ ވާހަކަ ޙަދީޘްގައި ބަޔާން ކުރައްވާފައިވާ ކަމަށާއި އެކަކީ ޖިހާދު ކުރި މީހެއް ކަމާއި އަނެކަކީ ޢިލްމު ދެއްވި މީހެއް ކަމާއި އަދި 3 ވަނަ މީހަކީ މުދާ ދެއްވި މީހެއް ކަމާއި މި ތިން މީހުން ވެސް ނަރަކަޔަށް އެއްލާލެވުނީ އެމީހުން ކުރި ޢަމަލުގައި އެއްވެސް އިޚްލާސްތެރިކަމެއް ނުވާތީ ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ. އަދި ބަނީ އިސްރާއީލުން ތެރޭގައި އުޅުނު ހަށި ވިއްކާ އަންހެނެއްގެ ފާފަ ފުއްސަވާ ދެއްވާ ސުވަރުގެޔަށް ވެއްދެވީ ފެން ބޮވައިގެންފައިވާ ކުއްތާއަކަށް ފެން ދިނުމުން އެ ޢަމަލު އޭނާ ކުރީ އިޚްލާސްތެރިކަމާއި އެކު ކަމަށް ވާތީކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

މި ދަރުސަށް ކިނޮޅަހުގެ ގިނަ ޢަދަދެއްގެ މީހުން ޙާޟިރުވިއެވެ.