އައްޝައިޚް އިލްޔާސް ޙުސައިން ދީނީ ނަޞޭހަތް ދެއްވަނީ

ކިނޮޅަހު ސްކޫލުގެ އިސްލާމް ކްލަބުގެ ފަރާތުން ދީނީ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފި

ކިނޮޅަހު ސްކޫލުގެ އިސްލާމް ކްލަބުކަމަށްވާ އިސްލާމީ ހިޔާގެ ފަރާތުން ސްކޫލުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި އާއްމުންނަށް ދީނީ ޕްރޮގްރާމްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

އެގޮތުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ ބެލެނިވެރިންނަށާއި އާއްމުންނަށް ހުޅުވާލައިގެން ދީނީ ދަރުސެއް ބާއްވާފައެވެ. ” ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުން ” މި މަޢުޟޫއަށް ބޭއްވި މި ދަރުސްގައި ތަޤްރީރް ކުރެއްވީ އައްޝައިޚް އިލްޔާސް ޙުސައިންއެވެ. ޝައިޚް ގެ ދަރުސްގައި ވިދާޅުވީ ދަރިންނަކީ މައިންބަފައިންނަށް ހަވާލު ކުރެވޭ ބޮޑު އަމާނާތެއްކަމަށާއި ދަނޑުވެރިކަން ކުރަން ރަނގަޅު ބިމެއް ހޯދާ ފަދައިން ، ކައިވެންޏެއް ކުރުމުގެ ކުރިން ރަނގަޅު ދީންވެރި ޞާލިހު ކުއްޖެއް އިޚްތިޔާރު ކުރުމަށާއި އެއީ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށް ފުރަތަމަ ވެސް ކުރަން ޖެހޭ ކަން ކަމަށެވެ.

ކިނޮޅަހު ސްކޫލު ހޯލުގައި ބުރާސްފަތި ދުވަހުގެ ރޭ 9:00 ގައި ފެށި މި ދަރުސަށް ގިނަ ބެލެނިވެރިންނާއި އާއްމުން ޙާޟިރުވިއެވެ.

އިސްލާމީ ހިޔާގެ ފަރާތުން ދެން ކުރިޔަށް ގެންދިޔަ ޕްރޮގްރާމަކީ ހުކުރު ދުވަހު ހެނދުނު ދިން ދަރުސެވެ. ކިނޮޅަހު ސްކޫލުގެ ގްރޭޑް 5،6،7،8،9 އަދި 10 ގެ އަންހެން ދަރިވަރުންނަށާއި ކިނޮޅަހު އަންހެން ކަނބަލުންނަށް ޚާއްޞަކޮށް ބޭއްވި މި ދަރުސް ދެއްވީ ވެސް އައްޝައިޚް އިލްޔާސް ޙުސައިންއެވެ.

އައްޝައިޚް އިލްޔާސް ޙުސައިން ދީނީ ނަޞޭހަތް ދެއްވަނީ

ހުކުރު ދުވަހުގެ މެންދުރުފަހު  ސްކޫލުގެ ގްރޭޑް 1 އިން 10 ގެ ހުރިހާ ދަރިވަރުންނަށް ޚާއްޞަކޮށް ވަނީ ދީނީ ނަޞޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި ގްރޭޑް 1،2 އަދި 3 ގެ ދަރިވަރުންނަށް ނަޞޭހަތް ދެއްވީ އައްޝައިޚް ޢަބްދުލް ހާދީ އާއި އައްޝައިޚް އައްފާނު އެވެ. އަދި 4،5،6،7،8،9 އަދި 10 ގެ ދަރިވަރުންނަށް ނަޞޭހަތް ދެއްވީ އައްޝައިޚް އިލްޔާސް ޙުސައިންއެވެ.

މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އައްޝައިޚް އިލްޔާސް ޙުސައިން ދީނީ ނަޞޭހަތް ދެއްވަނީ
ދަށް ގްރޭޑްތަކުގެ ދަރިވަރުންނަށް އައްޝައިޚް ޢަބްދުލް ހާދީ އައްޝައިޚް އައްފާން ނަޞޭހަތް ދެއްވަނީ

އިސްލާމީ ހިޔާގެ ފަރާތުން މަޢުލޫމާތު ދޭ ގޮތުގައި މި ހިންގި ޕްރޮގްރާމްތަކަކީ ވަރަށް ވެސް ކާމިޔާބު ޕްރޮގްރާމްތަކެއް ކަމަށާއި އަދިވެސް ދީނީ މިފަދަ ހަރަކާތް ތަކެއް ކުރިޔަށް ރޭވިފައިވާ ވާކަމަށެވެ. އަދި މިފަހަރު މި ހިންގި ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެ ދެއްވި ކިނޮޅަހު ކައުންސިލާއި ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިނާއި ނާއިބު ރައީސް ވާފިރު އަޙްމަދާއި ޢަބްދުލް މަންނާނު އާއި ނައުފަލް އާއި ޠާހިރު  އާއި ކިނޮޅަހު ދީނީ ދައުވާ ގްރޫޕް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށާއި އަދި ޚާއްޞަކޮށް މި ވަގުތު ކިނޮޅަހު ސްކޫލު ހިންގުމާއި ހަވާލުވެ ހުންނެވި ޢަބްދުލް މުހްސިން ޙަސަން އަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާކަމަށް އިސްލާމީ ހިޔާ އިން މަޢުލޫމާތު ދެއެވެ.