ދިރާސާ ކުރުމަށް ކިނޮޅަހަށް އައި ޓީމު ބަނދަރުގައި

އިބުނު ބަތޫތާ ކިނޮޅަހަށް ކުރެއްވި ދަތުރުގެ ދިރާސާއެއް ކުރަން ފަށައިފި

ކިނޮޅަހަށް އިބުނު ބަޠޫޠާ ކުރެއްވި ދަތުރު ގެ ދިރާސާއެއް ކުރުމުގެ މަސައްކަތް ކިނޮޅަހުގައި އިއްޔެ ފަށައިފިއެވެ. މި ދިރާސާ ކުރުމަށް ޔުނިވަރސިޓީ އޮފް އީސްޓް އެންގްލިޔާ އާއި ޑިޕާރޓްމަންޓް އޮފް އާކިއޮލޮޖިސްޓާއި އަދި ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ޓީމެއް ވަނީ އާދީއްތަ ދުވަހު ކިނޮޅަހަށް އައިސްފައެވެ.

އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހާއި ހަމަޔަށް ކިނޮޅަހުގައި ހަރަކާތްތެރިވާ މި ޓީމުން ކިނޮޅަހުގައި އިބުނު ބަޠޫޠާ އުޅުއްވިކަމަށް ބުނާ ސަރަހައްދުތައް ދިރާސާކުރުމުގެ މަސައްކަތާއި އަދި ދިވެހިރާއްޖޭގައި ކުރިން ވިޔަފާރި ކުރުމަށްޓަކައި ބޭނުންކުރަމުންދިޔަ ބޮއްޔާއި ގުޅޭ ދިރާސާއެއްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި ދިރާސާކުރުމަށް ހަމަޖެހިފައިވަނީ ކިނޮޅަހުގެ ހުޅަނގުކޮޅު ސަރަހައްދުގައިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ޓީމާއިއެކު ކިނޮޅަހު ކައުންސިލްގެ ފަރާތުން ބައިވެރިވެލައްވަނީ ކައުންސިލް މެންބަރު ޒުބައިރު ޙުސައިނާއި އެސިސްޓެންޓް ޑިރެކްޓަރ ފައިސަލް އިބްރާހީމެވެ. އަދި މި ޓީމަށް އެހީތެރިވުމުގެ ގޮތުން މިދިޔަ އަހަރު ކިނޮޅަހު ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންވެސް ހަރަކާތްތެރިވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މޮރޮކޯ ނުވަތަ މަޣްރިބުކަރައިގެ މުސްލިމް އާއިލާއަކަށް އުފަން މަޝްހޫރު ސައްޔާހު އިބުނު ބަތޫތާ ދިވެހިރާއްޖެ އަށް ދެފަހަރު ވަޑައިގެންކަމަށް ބުނެވެއެވެ. އަދި މި ދެފަހަރުވެސް ފުރަތަމަ ބަނަދަރު ކުރީ ކިނޮޅަހުގައި ކަމަށް ބުނެވެއެވެ. ކިނޮޅަހުގެ ހުޅަނގުކޮޅު ބަނަދަރަކީ އިހު ޒަމާނުގައި އެކިއެކި އޮޑިފަހަރު ގިނަ އަދަދަކަށް ބަނދަރުކުރި މަޝްހޫރު ބަނދަރެއްކަމަށްވެއެވެ.