ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޮނުގުގުރި ޓީމު ހޯދައިފި

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ 17 ވަނަ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޮނުގުގުރި ޓީމު ހޯދައިފިއެވެ. ހޮނުގުގުރި ޓީމު ޗެމްޕިއަންކަން ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ވާހޫ ޓީމާއި ބައްދަލުކޮށް ސީދާ 3 ސެޓުން މޮޅުވެގެންނެވެ.

އިއްޔެ ހަވީރު 4:00 ގައި ކިނޮޅަހު ވޮލީކޯޓުގައި ފެށި މި މެޗު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ އޮނަރަބަލް އާދަމް ޝަރީފު ޢުމަރެވެ.

3 ޓީމު ވާދަކުރި މި މުބާރާތުގެ ފައިނަލަށް ހޮނުގުގުރި ޓީމު ދަތުރުކުރީ 7 ޕޮއިންޓް ހޯދާ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ވާހޫ ފައިނަލަށް ދަތުރުކުރީ 6 ޕޮއިންޓް ހޯދާ 2 ވަނަ ޓީމުގެ ގޮތުގައެވެ. އެޕެކްސް އަށް ލިބުނީ 5 ޕޮއިންޓެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް ހޮނުގުގުރި ހޯދީ 20-25 އިންނެވެ. ދެވަނަ ސެޓް 23-25 އިން ކާމިޔާބު ކުރި އިރު ، ފަހު ސެޓް ކާމިޔާބު ކުރީ 20-25 އިންނެވެ.

ފައިނަލަށް މެޗަށް ފަހު މުބާރާތުގެ ވަނަވަނަޔަށް ހޮވުނު ފަރާތްތަކަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކުރުން އޮތެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ހޮނުގުގުރި ޓީމުގެ އިބްރާހީމް ނިޒާރެވެ. މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ހޮނުގުގުރި ޓީމުގެ އިބްރާހީމް ނިޒާރާއި މުޙައްމަދު އަޙްމަދު ( ޖެމްކޯ  ) އާއި ޙުސައިން ޝާހު އަދި ވާހޫ ޓީމުގެ އަޙްމަދު ނަސީމު އާއި މުޙައްމަދު އަޙްމަދު ( މުއްޓެ ) އަދި އެޕެކްސް ޓީމުގެ މުޙައްމަދު ޒިޔާދުއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ހޮނުގުގުރި ޓީމުގެ މުޙައްމަދު އަޙްމަދު ( ޖެމްކޯ )އެވެ.

އެންމެ ރަނގަޅަށް ސަޕޯޓްކުރި ޓީމަށް ހޮނުގުގުރި ޓީމު ހޮވުނުއިރު ، އެޓީމުގެ އަޙްމަދު ހާޒިމް ހޮވިފައިވަނީ ބެސްޓް ލިބެރޯ އަށެވެ. އަދި ބެސްޓް ކޯޗަކަށް ހޮވުނީ ހޮނުގުގުރި ޓީމުގެ ކޯޗް ޢަބްދުލް މަންނާނުއެވެ. ފެއަރ ޕްލޭ ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެޕެކްސްގެ މުޙައްމަދު ޠާހިރުއެވެ. މުބާރާތުގެ އުއްމީދީ ކުޅުންތެރިޔާއަށް ހޮވިފައިވަނީ އެޕެކްސް ޓީމުގެ ޙަސަން ޖުނައިދުއެވެ.

މިއީ ކިނޮޅަހުގައި މޮޅު ވޮލީ ކުޅުންތެރިން އުފެއްދުމުގެ މަޤްޞަދުގައި  ޖަމްޢިއްޔަތުލް އިއްތިހާދުން 1999 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ކިނޮޅަހު ޖަމްޢިއްޔަތުލް އިއްތިހާދުގެ 17 ވަނަ ވޮލީބޯޅަ މުބާރާތުގެ ޓެލެކޮމް ޕާރޓްނަރ އަކީ ދިރާގުއެވެ. އަދި އެސޯސިއޭޓް ޕާރޓްނަރުންނަކީ ލިޓަސް އާއި ބުލޫ ވެންޗަރ އިންޓަނޭޝަނަލްއެވެ.

ކޮމެންޓް

  1. ހަބަރު ލިޔަން ހާދަ ނޫޅެޔޭ ދޯ. އެޕެކްސް ކެޓިވާހަކަ ވެސް ލިޔެލަން ނުކެރުނުތާގައި މި ހަބަރުގައިވެސް އެވާހަކަ ޖަހާލަން ނުކެރުނު. ވަރަށް ފޭކު ވެބްސައިޓެއް މީ.

ޙިޔާލު ހުށަަހެޅުމުގެ ފުރުސަތު ހަމަވެފައި.