ކިނޮޅަހު ތަރައްޤީ ޕްލޭންގެ ބޮޑު ތަޞައްވުރަކަށް ” ޔުނައިޓެޑް ކިނޮޅަސް”

2017 ވަނަ އަހަރުން 2021 ވަނަ އަހަރަށް އެކުލަވާލި ކިނޮޅަހު ތަރައްޤީ ޕްލޭންގެ ބޮޑު ތަޞައްވުރަކަށް ” ޔުނައިޓެޑް ކިނޮޅަސް ” ކަމަށް ނިންމައިފިއެވެ.

ރޭ ކިނޮޅަހު އަންހެނުންގެ މަރުކަޒުގައި އޮތް ރައްޔިތުންގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ ގިނަ ރައްޔިތުންގެ ތާއީދާއެކުއެވެ. ރޭގެ ބައްދަލުވުމުގައިވަނީ ކުރިޔަށް އޮތް 5 އަހަރަށް އެކުލަވާލި ރަށު ތަރައްޤީ ޕްލޭންގައި ހިމެނޭ 13 ދާއިރާއިން ކުރަން ރޭވިފައިވާ ހުރިކަންތައްތައް ވެސް ރައްޔިތުންނަށް ހުށައަޅާފައެވެ.

ކިނޮޅަހު ރަށު ތަރައްޤީގެ ޕްލޭން ރައްޔިތުންނަށް ހުށައަޅުއްވަމުން ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވިދާޅުވީ ޕްލޭންގައި ކުރުމަށް ރޭވިފައިވާ ކަންތައްތައް ކާމިޔާބުވާނީ އެއިރެއްގައި އޮންނަ ކައުންސިލަކަށް ރައްޔިޔުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށެވެ.

ކިނޮޅަހު ރަށު ތަރައްޤީ ޕްލޭން އެކުލަވާލީ މި ހިނގާ ނޮވެމްބަރ މަހުގެ 3 ކުން 5 އަށް ކިނޮޅަހު ސްކޫލްގައި އޮތް މަސައްކަތު ބައްދަލުވުމަކުންނެވެ. މި މަސައްކަތު ބައްދަލުވުމުގައި ކިނޮޅަހުގެ ހުރިހާ މުއައްސަސާއަކުންނާއި އެކިއެކި ދާއިރާތަކުން މީހުން ބައިވެރިވިއެވެ.

” ޔުނައިޓެޑް ކިނޮޅަސް ” ( United Kinolhas ) މިއީ މިހާރުވެސް ކިނޮޅަހުގެ ގިނަ ޒުވާނުން ބޭނުން ކުރާ ނަމެކެވެ. އެގޮތުން ސޯސަލް މީޑިޔާގައި  United Kinolhas މި ނަން ކުރުކޮށްލުމަށްފަހު ހޭޝްޓެގްގެ ގޮތުގައި ބޭނުން ކުރަނީ UK# އެވެ.