ފޮޓޯ: އިންޓަނެޓް

ކުދިންގެ އަޚްލާޤު – ވިސްނާލަން ޖެހިފައިވާކަމެއް

ދުވަސްތައް މާޒީގެ ތެރެއަށް ފޭދެމުން ދާލެއް ފިސާރިއަވަހެވެ. ހަމައެހެންމެ ދުވަސްތަކާއެކު ކާބަފައިންގެ އުޅުމާއި ރިވެތި އަޚްލާޤުވެސް މާޒީގެ ތެރެއަށް ވަދެ ބަދަލުވަމުން ދާ ވާހަކައަކީ މިއަދުގެ މުޖުތަމައުގެ ހެވަށް ވިސްނާކޮންމެ މީހެއްގެ ދުލުން ތަކުރާރުވާ ވާހަކަތަކެކެވެ.

ޒަމާން ބަދަލުވެ މީހުންގެ އުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލާއި ގުޅިގެން، އެތަކެއް ޕޯޑިއަމްތަކެއްގަޔާއި ޓީވީއާއި، ރޭޑިއޯ އަދި އެކިއެކި މާލަމްތަކުގައި ދެކެވޭ އެއްވާހަކަ އަކީ  ކުދިން އަޚްލާޤުގެ  ވާހަކައެވެ. އެގޮތުން ސްކޫލް ކުދިންގެ އަޙްލާޤުގެ ވާހަކައަކީވެސް މިއަދު ދައްކަންޖެހިފައިވާ މުޙިއްމު ވާހަކައެކެވެ. ހަމަބުއްދިއަކުން ވިސްނައި ވާހަކަ ދައްކާކޮންމެ ދެ މީހަކު އެއްތަންވެއްޖެނަމަ މިއަދު އެންމެ ފޯރީގައި ދެކެވޭ އެއް ވާހަކައަކީ މިވާހަކައެކެވެ. މިވާހަކަތައް މިސައިޓުގައި އާއްމުކުރަނީ އެއްވެސް ޙާލެއްގައި އެއްވެސް މުވައްސަސާއެއް އަގުވައްޓާލުމުގެ ނިޔަތެއްގައެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. މިވާހަކަތައް އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށް މިގެނައީ ޒިންމާދާރުކުރުމުގެ މަޤްޞަދުގައެވެ. މިކަމުގައި ސްކޫލެއް، ބެލެނެވެރިއެއް، ކައުންސިލެއް، ޤުރްޢާންކުލާހެއް އަދި މުޖުތަމަޢު އިސްތިސްނާކުރުމެއް ނެތިއެވެ.

މުދައްރިސުންނަކީ ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ވަރަށް ޚާއްޞަ ޤަދަރަކާއި ލޯތްބެއް ދެވިފައިވާބައެކެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އެބޭފުޅުންނަކީ އެބޭފުޅުންގެ ޢިލްމީ ޤާބިލްކަން ހުރި މިންވަރުން އަޅުގަނޑުމެންގެ ދަރިންގެ ސިނކުޑިތައް ހެޔޮގޮތުގައި ފައްކާކުރުމުގައި ވަރުބަލިކަމެއްނެތި ރެޔާއި ދުވާލު އެތަކެއް ގުރުބާނީއެއް ވަމުންދާ ބައެކެވެ. ފާހަގަކުރާ އެންމެ ދުވަހަކުން އެބޭފުޅުން އަގު ވަޒަނެއް ނުކުރެވޭނެއެވެ. އަހަރުގެ ހުރިހައި ދުވަހެއްގައި އެބޭފުޅުން ކުރައްވާ އަގުހުރި މަސައްކަތުގެ އަގު ވަޒަންކުރަންޖެހެއެވެ. ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި އެބޭފުޅުންނަށް އޮތް ލޯބި ދަރިވަރުންނާއި ބެލެނެވެރިން އަދި ޖުމުލަކޮށް މުޅި މުޖުތަމަޢު ދަމަހައްޓަންޖެހެއެވެ. ނަމަވެސް ހިތާމައަކީ، މިއަދު އެ ލޯބި މި މުޖުތަމަޢުން ނެތެމުން ދާކަމެވެ. ދަރިވަރުން އެކުދިންގެ އެދުރުންނަކަށް އިޚްތިރާމެއް ނުކުރެއެވެ. އެދުރުންގެ ބަހެން ނާހައެވެ. މިކަމުގެ ޒިންމާ ނަގަންޖެހޭނީ ކޮންފަރާތަކުން ތޯ އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ސުވާލު ކޮށްލުން ކީއްތޯއެވެ.

ކުދިންގެ އަޚްލާޤު ގޯސްވެ ޓީޗަރުންނަށާއި ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރުމާއި ވައްކަންކުރުމާއި، ދެޖިންސް ގައިގޯޅިވުމާއި، ލައިސަންސް ނެތި ސައިކަލް ދުއްވުން ފަދަ ޤާނޫނާއި ޤަވާއިދާއި ޚިލާފް އެތައްކަމެއް އެންމެންގެ ލޯމަތީގައި ކުރަމުންދާއިރު ކަމާބެހޭ މުވައްސަސާތަކުން މިކަންކަމާމެދު ވިސްނާލީ ކިހާވަރަކަށްތޯއެވެ. ކުދިންގެ އަޚްލާޤު މިހާ ދަށު ދަރަޖައަކަށް ވެއްޓެން ދިމާވި މައްސަލަތައް ހޯދައި ބަލައި އެމައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އަދިވެސް ނުވޭތޯއެވެ. އެގޮތުން ކުދިންގެ އަޚްލާޤު ރަނގަޅުކުރުމަށް ތަރުބަވީ މަދަރުސާތަކުން ކުރެވޭނެކަންކަން އެބަހުއްޓެވެ. އެހެނެއްކަމަކު އެކަންކަން ކުރެވޭނީ އެތަންތަނުގެ ވެރިންނާއި މުދައްރިސުން އެކައްޗެއް ކިޔައި އެއް މިސްރާބަކަށް މަސައްކަތްކޮށްގެންނެވެ. މަންހަޖުގެތެރެއިން އިސްލާމީ ރިވެތި އަދަބުތައް އެކުދިންނަށް އުނގަންނަވައި ދެވިގެންނެވެ.

ހަމައެކަނި ކުދިންގެ އަޚްލާޤް ގޯސްވުމުގެ އިނގިލި މުވައްސަސާތަކަށް ދިއްކުރެވޭކަށްވެސް ނެތެވެ. ބެލެނެވެރިން އެބޭފުޅުންގެ ފަރުދީ ޒިންމާ ނަގަންޖެހެއެވެ. ކުދިން ކުރާ ކުށްތައް ދިފާއުކުރުމުގެ ބަދަލުގައި އެކުރެވުނީ ކުށެއްކަން އެކުންދިން އަންގައިދޭނެޖެހެއެވެ. ހަމައެހެންމެ ކުދިން ގިނަވަގުތު ގެއިން ބޭރުގައިއުޅުނު ނުދީ ގޭގައި ހިފެހެއްޓުމާއި ކުދިން އެކުދިންގެ ރަޙްމަތްތެރިންގެ ގޮތުގައި ގެންގުޅެނީ ކޮންބައެއްތޯ ބަލަންޖެހެއެވެ. ރިވެތި އަދަބުތައް ކުދިންނަށް ކިޔައިދިނުމާއެކު އެއަށް ޢަމަލުކުރަން ދަސްކޮށްދޭން ޖެހެއެވެ. އެގޮތުން ބޮޑެތި މީހުންނަށާއި ޓީޗަރުންނަށް އިޙްތިރާމްކުރުމާއި މަގުމަތީ އަދަބުތަކާއި މިސްކިތުގެ އަދަބުތައް އެކުދިންނަށް ދަސްކޮށްދިނުމަކީ މިހާރު ކޮންމެހެންވެސް ކުރަން ޖެހިފައިވާކަމެކެވެ.

ކޮންމެ ފަރުދަކު އެފަރުދަކަށް ހަވާލުވެފައިވާ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެން މެނުވީ މިމަސައްކަތް ކާމިޔާބެއްނުވާނެއެވެ. މިކަމުގައި ހުރި ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެންމެން އެކުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން މިވަނީ ޖެހިފައިއެވެ. އެހެންނޫންނަމަ މިމުޖުތަމަޢުގެ އަޚްލާޤީ ފޭރާން އެއްކޮށް ވީދި ނާމާން މުޖުތަމަޢުއަކަށް ބަދަލުވުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.

ކޮމެންޓް

ޙިޔާލު ހުށަަހެޅުމުގެ ފުރުސަތު ހަމަވެފައި.