ރ.ކިނޮޅަސް ... ފޮޓޯ: ވަގުތު އޮންލައިން

‘ކިނޮޅަސް’ މުޅި ރާއްޖެއަށް ނަމޫނާ ‘ބުރޭންޑެއް’

( ނޯޓް: މިއީ 02 މެއި 2013 ގައި ” ދިއިސްލާމް ” ވެބްސައިޓުގައި ޙުސައިން ޙަބީބް އޯޒޯން ސާއިއު ކޮށްފައިވާ ލިޔުމެކެވެ. )

 

‘ކިނޮޅަސް’ މިނަމަކީ ރާއްޖޭގެ ގަދީމީ ޙަޔާތުގައި އެއްދުވަސް ވަރެއްގައި ދިވެހިރާއްޖެއަށް ނިސްބަތްކޮށް އުޅުނު ނަމެއްކަމަށް ތާރީޚީ ޢިލުމުވެރިން ވިދާޅުވެފައިވެއެވެ. މިމަޢުލޫގައި ދައްކަން މިއުޅެނީ ދިވެހިރާއްޖޭގެ ނަމަށް ‘ކިނޮޅަސް’ ނިސްބަތްވި ގޮތުގެ ވާހަކައެއް ނޫނެވެ.

މާޅޮސްމަޑުލު އުތުރުބުރީ ކިނަޅަހަށް ޒިޔާރަތް ކުރުމުގެ ފުރުޞަތު މިދިޔަ ހަފުތާ ބަންދުގައި އަޅުގަނޑަށް ވަނީ ލިބިފައެވެ. އެރަށުން ފެނުނު މަންޒަރުތަކާއި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އެރަށުގެ މީހުން ޤަބޫލުކުރާ ޤަބޫލު ކުރުމާއި، އެރަށާއި ރާއްޖޭގެ އެހެން ރަށްތަކާއި ތަފާތުތަކެއް ހުރެއެވެ. އެހެން ކަމުން ކިނޮޅަހަކީ ބުރޭންޑު ނަމެއްގެ ގޮތުގައި ލޭބަލް ކުރުމުގެ ފުރުޞަތު އެބައޮތެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައި ބޮޑު ދެ ސިޔާސީ ޕާޓީއަށް ނިސްބަތްވާ މީހުންގެ މެދުގައި ކޮޅުމާއި ސިޔާސީ ބައިބައިވުން އިންތިހާ ދަރަޖަޔަށް އުފެދިފައިވާއިރު ކިނޮޅަހުން ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެރަށުގައި ބޮޑު ދެޕާޓީ މަސައްކަތް ކުރަނީ އެއްބަނޑު އެއްބަފާ އަޚުންތަކެއްގެ ގޮތުގައެވެ. އޭގެ ސަބަބުވެސް ވަރަށް ސާފެވެ. ކިނޮޅަހުގެ ކައުންސިލްގެ ހުރިހާ މެންބަރުންނަކީވެސް ދީނަށް ލޯބި ކުރާ ވެރިންތަކެއް ކަމުގައިވުމެވެ. އެކައުންސިލުން ރަށުގެ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޕާޓީގެ މެންބަރަކަށް ނުބަލައެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި ސިޔާސީ ގޮތުން ބައިބައިވުން އުފެދުމުގެ ފުރުޞަތު ކުޑައެވެ.

ދީނަށް ލޯބިކުރާ ކައުންސިލެއް ކިނޮޅަހުގައި އިންތިޚާބުވެފައި އޮތީ، އެރަށުގެ ރައްޔިތުންނަކީ ދީނަށް ލޯބިކުރާ ބައެއް ކަމުގައި ވުމުންނެވެ. ތަނެއްގައި ރައްޔިތުންނަކީ ދީނަށް ލޯބިކުރާ ބައެއް ކަމުގައި ވެއްޖެނަމަ އެރަށެއްގެ ވެރިންނަށްވެސް އިންތިޚާބުވަނީ، ހަމަ އެފަދަ ހަރުދަނާ ވެރިންތަކެކެވެ.

ރާއްޖޭގެ ސިޔާސީ އުސްފަޑީގެ ތިބި ބައެއް ފަރާތްތަކުން، ކިނޮޅަސް ސިފަ ކޮށްފައިވަނީ ‘ކަޓު’ ރައްޔިތުން ތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައެއް އެފަދަ ފަރާތްތަކުގެ ސިފަކުރުމުގައި އެރަށުގެ ރައްޔިތުންނަކީ މުނިފޫހިފިލުވުމާއި އިޖުތިމާޢީ ހަރަކާތްތަކުން މަހުރޫމުވެފައިވާ ބައެކެވެ. ނަމަވެސް އަޅުގަނޑަށް ފެނުނީ އެރަށުގެ ރައްޔިތުންނަކީ މުނިފޫހިފިލުވުމާއި އިޖުތިމާޢީ ޙަރަކާތްތައް ހިންގުމުގައި ނަމޫނާ ބައެއްގެ ގޮތުގައެވެ. އެގޮތުން ދެޢީދުގެ މުނާސަބަތާއި ޤައުމީ މުނާސަބުތަކާއި އެހެނިހެން މެހެފިލުތަކާއި ދިމާކޮށް އެރަށުގެ ރައްޔިތުން މުނިފޫހިފިލުވުމުގެ ޙަރާކަތްތައް އިންތިޒާމު ކުރެއެވެ. އެފަދަ މެހެފިލުތައް އެރަށުގެ ރައްޔިތުން ފާހަގަ ކުރަނީ އިސްލާމީ ތަރަހައިގެ ތެރޭގައެވެ.

night-market-2

ކިނޮޅަހަށް ދިޔުމުގެ ކުރިން އެރަށާއި ބެހޭ ބައެއް މަޢުލޫމާތު ތައް އަޅުގަނޑު ހޯދީމެވެ. އެގޮތުން އެރަށް ފާހަގަ ކުރެވެނީ މުޅި ރައްޖެއިންވެސް ކުށް މަދު މުޖުތަމައެއްގެ ގޮތުގައެވެ. ރާއްޖޭގެ ރަށްރަށުގައި ކުށްކުރުމުގައި އެންމެ ގިނައިން ޙަރަކާތްތެރިވަނީ ޒުވާނުންނެވެ. ނަމަވެސް އެރަށުގެ ޒުވާނުން ތަރުބިއްޔަތު ވެފައިވަނީ ވަރުގަދަ އަޤީދާއެއްގެ މަތީގައެވެ. އެފަދަ މާތް ބިންގަލެއްގެ މައްޗަށް ކޮޅަށް ނެގޭ ފާރު ތަކާއި ތަނބުތައް ހުންނާނީ ސީދަލަށެވެ.

ރަށްރަށުގެ ކަންކަން ބޮއްސުންލައި ހަމަނުޖެހުން އުފެދުމުގެ އަޞްލެއް ކަމުގައިވަނީ ކަމަށް ޤާބިލު ނޫން މީހުން އެތަނެއްގެ މަޤާމުތަކަށް އައުމުންނެވެ. މިއީ މުޅި ރާއްޖޭގެ ރަށްރަށުން ފެންނަ، ނަމަވެސް ބަލައިގަންނަން އުނދަގޫ ޙަޤީޤަތެވެ. މިލިޔުމުގައި މިވާހަކަ ދެކެވޭ ރަށުގެ އެކި މަޤާމުތަކުން ފެންނަނީ އެކަމުގެ އުހުލުވެރިންނެވެ. އެރަށުގެ އެކި ދާއިރާތަކުގެ މަޤާމުތަކުން ފެންނަނީ ދީނާށް ލޯބިކުރާ އެދާއިރާއަކުން ފަންނުވެރި މީހުންނެވެ.

ކުރިއަށްއޮތް ދުވަސްތަކުގައިވެސް ކިނޮޅަސް ފެނިގެންދާނީ ވަރަށް ހަރުދަނާ ކަމާއެކުއެވެ. އެއީ އެރަށުގައި ތަރުބިއްޔަތު ވަމުން އަންނަ ޅަ ޖީލުތައް ރުކުރުވާލެވިފައިވަނީ އިސްލާމީ ފިކުރާއި ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ކަމަށްވުމުންނެވެ.

ކިނޮޅަހުން ފެންނަ އުސޫލުތަކަކީ ދިވެހި ރާއްޖޭގެ އެހެނިހެން ރަށްރަށުން ނަމާނާ ލިބިގަންނަން ޖެހޭ ބުރޭންޑެކެވެ. ކޮންމެ ރަށެއްގެ ކޮންމެ ކައުސިލާކާއި ރައްޔިތުން ކިނޮޅަސް ނަމާނާ ބުރޭންޑެއްގެ ގޮތުގައި ބަލައިގަނެ އެއުސޫލުތަކުގެ މަތިން މަސައްކަތް ކޮށްފިނަ މުޅި ރާއްޖެއިންވެސް ފެނިގެންދާނީ ތަފާތު ނަން ނަން ކިޔާ، ނަމަވެސް ‘ކިނޮޅަސް ބުރޭންޑު’ގެ ރަށްރަށެވެ.